ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން ބ. ދަރަވަންދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެެއްބަސްެވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ޕާޓްނަޝިޕްގެ ތެރެއިން ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާއާ އެކު، ދަރަވަންދޫގައި ގާއިމުވެ މަސައްކަތްކުރާ މަދަނީ ޖަމިއްޔާ، މުރަކަ ފާމްގެ އެއްބާރުލުމާ އެކު ދަރަވަންދޫ ފަރުގެ ދިރުން އާލާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ފަރު ދިރުވާ އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ، ޒަމާނީ ރިސާޗު އަދި ސައިންސްގެ އަލީގައި ދަރިވަރުންނާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން ތަމްރީނުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ތަފްސީލް - ޔުނެސްކޯ ބަޔޯސްފިއަ ރިޒާވްގައި ހިމެނޭ އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެ ރަށުގެ ފަތުރުވެރިކަމަށާއި މަސްވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ވެސް ބޮޑަށް ގުޅިފައިވާ ވަސީލަތެކެވެ.
މި ޕްރޮގްރާމްގެ ދަށުން:
ފަރުތައް އާލާކުރުމާއި ބެލެހެއްޓުމުގެ އަމަލީ ތަމްރީނު ދަރަވަންދޫ ޒުވާނުންނަށް ފޯރުކޮށްދޭނެ
30-50 ނާސަރީ ސްޓްރަކްޗާ އެކުލެވޭ ގޮތަށް ކޮމިއުނިޓީ މުރަކަ ނާސަރީއެއް ގާއިމުކުރާނެ
މުރަކަ އިންދުމާއި އާލާކުރުމުގެ މަސައްކަތްތަކަށް އެހީތެރިވާނެ
ޒުވާނުންނަށް ހާއްސަ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގާނެ
މުޖުތަމައުގެ ބައިވެރިވުމާ އެކު ފަރުތަކުގެ ދިރުން އަލުން އިއާދަކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރާނެ
މި ޕްރޮގްރާމް ދަށުން ހިންގާ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކަށް ފަހު، މި އަހަރުގެ ފަހުކޮޅު ދަރަވަންދޫގައި ފަރުތައް އާލާކުރުމުގެ އަމަލީ ހަރަކާތްތަކާ އެކު ހާއްސަ ފެސްޓިވަލެއް ވެސް ބައްވާނެ
ބުނީ ކީކޭ؟ - ދިރާގުގެ ސީނިއަ މެނޭޖަރު ކޯޕަރޭޓް ސޯސަލް ރެސްޕޯންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމް އެންމެ ހާއްސަވާ ސަބަބަކީ، މިއީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާ އެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ކަމަކަށްވުމެވެ.
"މީގެ ސަބަބުން މުރަކަ އާލާކުރުމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އަށަގަންނުވައި އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިކަންފޯރުކޮށްދެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސްގެ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް، ޖޯހާނާ ލިއޮންހާޑް ވިދާޅުވި ގޮތުގައި، މިފަދަ މަސައްކަތްތަކުން ދާއިމީ ނަތީޖާއެއް ހާސިލުކުރެވޭނީ، އެކަމަށް ބޭނުންވާ އިލްމާއި ހުނަރު މުޖުތަމައުގައި ދިރުވައިގެންނެވެ. އެހެންކަމުން، މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނުތަކާ އެކު މުޖުތަމައު ބާރުވެރިކުރުވާ، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެ ރަށުގެ އިސްނެގުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މީގެ ސަބަބުން އެ ރަށުގެ ފަރަށް ހެޔޮ ބަދަލުތަކެއް އައުމުގެ އިތުރުން، މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތަކަށް ވެގެންދިއުން،" އޭނާ ވިދާޅުވި އެވެ.
މުރަކަ އާލާކުރުމާއި ކަނޑުގެ ދިރާސާތައް ކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން މުޖުތަމައުގެ ޒިންމާދާރުކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާ އެކެވެ.
މި ޖަމިއްޔާގެ މަސައްކަތްތައް ބިނާވެފައިވަނީ ސައިންޓިފިކް ދިރާސާތަކާއި އަމަލީ ގޮތުން ފަރުތައް އިއާދަކުރުމުގެ މައްޗަށެވެ.
މީގެ އިތުރުން، އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމާ އަދި ރާއްޖޭގެ ފަރުތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދިރުންތައް ދެމެހެއްޓުމަށްޓަކައި ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް މި ޖަމިއްޔާއިން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
މަޢުލޫމާތު: ދައުރު










ކޮމެންޓް