ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރި ކުރި މައްސަލައިގައި މިދިޔަ އަހަރު 109 އަހަރަށް ޖަލަށް ހުކުމް ކުރި ހުސެން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޝިފާއުގެ މައްޗަށް ހުކުމްކުރީ، އިތުރު މީހަކާ ބައިވެރިވެގެން، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ 'ކިންގްޑަމް އޮފް ފުރުޓްސް' މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި މައްސަލައެއްގަ އެވެ.
މިހާތަނަށް ރާއްޖޭގައި ކުރި އެންމެ ދިގު މުއްދަތުގެ ޖަލު ހުކުމުގެ އިތުރުން އޭނާގެ މައްޗަށް ވަނީ، ބަދަލެއްގެ ގޮތުން 7 މިލިޔަން ރުފިޔާ ދެއްކުމަށް އަމުރުކޮށްފަ އެވެ.
ތަފްސީލު - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ޝިފާއު ގޭ ބަންދަށް ބަދަލުކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ވަގުތީ ގޮތުން މީހަކު ގެއަށް ބަދަލު ކުރެވިދާނެ ހާލަތްތަކެއް ޖަލުތަކާ ބެހޭ ގާނޫނުގައި އޮންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިގޮތުގައި:
ޖަލުގައި ހުރެެގެން ބޭސްފަރުވާ ނުކުރެވޭނެ ފަދަ ހާލަތްތަކާއި ޑޮކްޓަރެއް ވަކި ތަނަކަށް ގެންގޮސްގެން ފަރުވާ ދިނުމަށް ލަފާދޭ ނަމަ ބަދަލު ކުރެވިދާނެ
ޝިފާއު ގެއަށް ދޫކޮށްލީ، ފުރަތަމަ އެއް މަހަށް. އަދި އޭނާގެ ހާލަތު ރަނގަޅު ނުކުރެވޭ ނަމަ އިތުރު ދެ މަސް ދޭނެ
އިހުސާން ވިދާޅުވީ ގޭބަންދަށް ބަދަލު ކުރި ޝަރުތުތަކާ އެއްގޮތަށް ޝިފާއު އުޅޭތޯ ބަލާނެ ކަމަށާއި އެއާ ހިލާފުވެއްޖެ ނަމަ، ވަގުތުން ޖަލަށް ބަދަލުކުރާނެ ކަމަށެވެ.
ޝިފާއުގެ މައްޗަށް ދައުލަތުން 23 ދައުވާއެއް އުފުލި އެވެ. އެއީ:
އެއީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ
މަނީ ލޯންޑަރިންގެ ހަތް ދައުވާ
މި ހުރިހާ ދައުވާތަކެއް ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
އެނގުން މުހިންމު - ޝިފާއުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވާ ގޮތުން، އޭނާ ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިން ކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. މި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ކޯޓަށް ހުށަހެޅީ 27 އޭޕްރީލް 2023ގަ އެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވީ 18 ޑިސެމްބަރު 2025ގަ އެވެ.
މަޢުލޫމާތު: ދައުރު










ކޮމެންޓް