ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރި ކުރި މައްސަލައިގައި ހުސެއިން ޝިފާއުގެ މައްޗަށް އިއްވާފައިވާ 109 އަހަރުގެ ޖަލު އަދަބު ގޯސް ކަމަށާއި ތަންފީޒުނުކުރެވޭނެ އެވަރުގެ ދިގު އަދަބެއް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޝިފާއުގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވެނީ، އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ 'ކިންގްޑަމް އޮފް ފުރުޓްސް' މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމަށެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް އެކިއެކި މުއާމަލާތްތަކާގުޅޭ 23 ދައުވާއެއް އުފުލި އެވެ. އެއީ:
އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ
މަނީ ލޯންޑަރިންގެ ހަތް ދައުވާ
މި ހުރިހާ ދައުވާތަކެއް ވެސް އޭނާގެ މައްޗަށް ސާބިތުވެ، 109 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއެކު، 7 މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެއް މިދިޔަ ޑިސެމްބަރުމަސް ތެރޭ އިއްވި އެވެ.
މި ހުކުމް އިއްވިއިރު ގޭބަންދުކޮށްދޭން ޝިފާއު އެދުނު ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް އޭރު ނިންމެވީ އެ ލުއި ނުދެވޭނެ ކަމަށެވެ.
އެކަމަކު އިއްޔެ ހޯމްލޭންޑް މިިނިސްޓަރު އަލީ އިހުސާން ހާމަކުރައްވާފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަކަށް ބަދަލުކޮށްފަ އެވެ.
ބުނީ ކީކޭ؟ - މި ހުކުމްތައް ޝިފާއުގެ ފަރާތުން އިސްތިއުނާފްކޮށްފައިވަނީ، ކުށްވެރިޔާގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވާ ހާލަތުގައި އަދަބުގެ ބައިކުޅަބައި ހެދުމުގައި ގާނޫނުލްއުގޫބާތުގެ 1006ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅު ނޫން އުސޫލަކުން ކަމަށް ބުނެ އެވެ.
ހައި ކޯޓުގައި މި މައްސަލާގައި ޝިފާއުގެ ވަކީލުކަން ކުރައްވަނީ ސުއޫދެވެ. މިއަދު އޮތް އަޑުއެހުމުގައި ސުއޫދު ވިދާޅުވީ:
އެކި ކުށް ސާބިތުވެފައިވާ ހާލަތުގައި ހަމައެކަނި ގާނޫނުލްއުގޫބާތުގެ ދަށުން ސާބިތުވެފައިވާ ކުށްތަކުގެ މައްޗަށް 1006ވަނަ މާއްދާއިން ތަތުބީގުކުރުމުގެ ދާއިރާ ހަނި ނުކުރެވޭނެ
އެއް ހާދިސާއެއްގެ މައްޗަށް ދައުވާކޮށްފައިވާ ގަޒިއްޔާތަކަށް އެކަނި އަދަބުގެ ބައިކުޅަބައި ކުރުމަކީ ރަނގަޅު މާނަކުރުމެއް ނޫން؛ އެއީ އެ މާއްދާ މާނަކުރެއްވުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ހައްދަވާފައިވާ ގޯހެެއް
ޝަފީއުގެ މައްޗަށް ސާބިތުވި ކުށް ތަކުގެ އަދަދު މައްޗަށް ބަލާފައި މުޅި ޖުމްލަ 106 އަހަރުގެ ހުކުމެއް ކަނޑައަޅާފައިވާއިރު، އެއީ 1006ވަނަ މާއްދާ ތަސައްވަރުކުރާ ގޮތެއް ނޫން
"އެކެއްގެ މައްޗަށް ސާބިތުކުރާ ކުށްތަކުގެ ޖުމްލަ އަދަދު އެހާ ދިގު މުއްދަތަކަށް ބުއްދި ގަބޫލުނުކުރާ އަދަދަކާ ހަމަޔަށް އެ ދަނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި މި މާއްދާ ތަތުބީގުކުރަންޖެހޭގޮތަށް ކުރެވިފައި ނެތުމުން،" ސުއޫދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ސައޫދުގެ ބަހުސްއަކީ، އެ މާއްދާ ރަަނގަޅަށް ތަތުބީގުކުރެވިފައިވާނަމަ ޝަފީއުގެ މައްޗަށް ކަނޑައެޅޭ އަދަބު 106 އަހަރާ ހަމަޔަށް ނާރާނެ ކަމަށާއި އެޔަށްވުރެ އަދަބު ކުރުވާނެ ކަމަށެވެ.
"އެހެންވީމާ އަމަލީގޮތުން ތަންފީޒު ނުކުރެވޭނެ އަދަބެއް ކަނޑައެޅުމުގެ ބޭނުމެއްނެތް. އެއީކީ ނޫން ގާނޫނުލްއުގޫބާތު ޑިޒައިންކުރެވިފައި އޮތް ގޮތަކީ. އޭގައި އެންމެ ބޮޑު ކުށްތަކުގެ ތެރޭގައި މި ހިމެނެނީ މީހުން މެރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އެޔަށްވެސް 25 އަހަރުގެ ޖަލު ހުކުމެއް މިއޮންނަނީ[އެންމެ ގިނަވެގެން]،" ސުއޫދު ވިދާޅުވި އެވެ.
"އެހެންވީމާ މި އަދަދު މިގޮތަށް ގުނަވެގެން ގޮސްފައި މިއޮތީ އަޅުގަނޑު ދެކޭގޮތުގައި ގާނޫނުލްއުގޫބާތުގެ 1006ވަނަ މާއްދާ ތަސައްވަރުކުރާ ގޮތަކަށް ނޫން،"
ބޭރު ގައުމުތަކުގައި ވެސް މިހާ ދިގު މުއްދަތުގެ އަދަބުތައް ކަނޑައަޅާފައި ހުންނަކަން ފާހަގަކުރައްވާ އެކަމާބެހޭގޮތުން ދެކެނީ ކިހިނެއްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު އުފެއްދި އެވެ.
ޖަވާބުގައި ސުއޫދު ވިދާޅުވީ، ހެޑްލައިނެއް ހެދުން ފިޔަވައި އޭގެން ނިކުންނަ ނަތީޖާއެއް ނޯންނަ ކަމަށެވެ.
"ތަންފީޒުނުކުރެވޭ އަދަބެއް، ހަމައެކަނި ހެޑްލައިން ހެދުން ފިޔަވައި އެޔަކަށް ހިޔެއް ނުވޭ ކޮންމެ ގައުމެއްގައި އެކަން ކުރިޔަސް، ބައެއް ގައުމުތަކުގައި 1000 އަހަރުވެސް ހުރޭ އަނެއް ގައުމުތަކުގައި 900 އަހަރުވެސް ހުރޭ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންވީ ކަމެއް ނޫން ކަންނޭނގެ. އެޔަކުން ވާ ފައިދާއެއް އަޅުގަނޑުމެން ނުއެއް ދެކެން،" ސުއޫދު ވިދާޅުވި އެެވެ.
އެހެންވެ، ޝިފާއުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ބާތިލްކޮށް، އަލުން އަދަބު ކަނޑައަޅަން ކްރިމިނަލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުނެވެ.
ރައްދުގައި ދައުލަތުން ބުނީ، އަދަބު ކަނޑައަޅާފައިވާ ގޮތުގައި މައްސަލައެއް އޮތްކަމަށް ނުދެކޭ ކަމަށެވެ. ދައުލަތުގެ ވަކީލު ހައްވާ ނާހީ ވިދާޅުވީ:
ގާނޫނުލްއުގޫބާތުގެ 1006ވަނަ މާއްދާގެ މަގުސަދަކީ ކޮންމެހެން އެކަށީގެންނުވާ މުއްދަތަކަށް ޖަލުގައި ބަންދުކުރުމެއް ނޫން
އެކަމަކު ބައިވަރު ކުށްތަކެއް ކުރާ ހާލަތުގައި މީގެތެރެއިން ބައެއް ކުށްތަކަށް އަދަބު ނުލިބި މިންޖުވެގެންދާގޮތަށް އަދަބު ކަނޑައެޅުމަކީވެސް މި މާއްދާގެ މަގުސަދެއްނޫން
އެ މާނަކުރުމަށް ބަލާއިރު ދަށު ކޯޓުގެ ފަނޑިޔާރު އަދަބު ކަނޑައެޅުމުގައި އެ މާއްދާ ބޭނުންކޮށްފައިވާ ގޮތް ގޯސް ކަމަށް ނުދެކެން
ނާހީ ވިދާޅުވީ، ޝިފާއުގެ މައްޗަށް ކޮށްފައިވާ 23 ދައުވާ ވަކިވަކިން ހުށަހެޅި ކަމުގައި ވިޔަސް ނުކުންނާނީ އެއް ނަތީޖާއެއް ކަމަށާއި އެއް މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ޝަރީއަތްތައް އަވަސްކުރަން ކަމަށެވެ. އެހެންވެ، އެ އަދަބު ކަނޑައަޅާފައިވާގޮތް ރަނގަޅުކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނެވެ.
މަޢުލޫމާތު: ދައުރު










ކޮމެންޓް