Live demo Open the newsroom
ބްރޭކިންގ
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތްރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުތަކާއެކު ވާރޭ ވެހޭނެ: މޫސުމީ ޚިދުމަތް
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލްގެ ބިލެއް: މީކާއިލްދައުރު

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލްގެ ބިލެއް: މީކާއިލް

ސަރުކާރުން އަމާޒު ހިފާފައި އޮތީ 'ބައި ހޫކް އޯ ކްރޫކް'، 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކަމަށް މީކާއިލް ވިދާޅުވި؛ އެކަމަށްޓަކައި ދިވެހި ދައުލަތް ފުޑާނުލަން މީކާއިލް ސަރުކާރަށް ގޮވާލެއްވި

ދ
7 އޮކްޓޫބަރު 2026 11:253 މިނިޓުގެ ކިޔުން 2,551
Aa

ކުށް ސާބިތުނުވާ ހާލަތުގައި ވެސް މީހުންގެ މުދާ ދައުލަތަށް ނެގޭގޮތަށް ފަރުމާކޮށްފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަކީ ސީދާ ދިވެހި ވިޔަފާރިވެރިން ބްލެކްމެއިލް ކުރުމަށް އެކުލަވާލާ ބިލެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެެ އެވެ

ވީ ކިހިނެއް؟ - ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި މި ބިލުގެ މަގުސަދެއްގެ ގޮތުގައި އޮތީ، ޖިނާއީ ބޮޑެތި ކުށްކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި ނުހައްގުން ހޯދާ އެފަދަ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.

މި ބިލުގައިވާ ގޮތުން، މި ބިލު ފާސްވެ، ގާނޫނަކަށްވުމުގެ ކުރިން އެފަދަ ކުށެއް ކޮށްގެން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގިދާނެ އެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ސާބިތުވެފައިވާ ކުށެއްގެ ދަށުން ވެސް މުދާ ދައުލަތަށް ނެގިދާނެ އެވެ. ބައެއް ހާލަތްތަކުގައި ކުށް ސާބިތުނުވިޔަސް ދައުލަތަށް މުދާ ނެގިދާނެ ގޮތްތަކެއް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

ބުނީ ކީކޭ؟ - މިއަދު އޮތް މި ބިލުގެ ބަހުސްގައި މީކާއިލް ފުރަތަމަ ވެސް ވިދާޅުވީ މި ބިލު ހުށަހެޅިގެންދާ މަގުސަދާއި ނިޔަތް ވަރަށް ރަނގަޅަށް އެންމެންނަށް ސާފުކަމަށާއި އެއީ ސަރުކާރާ ދެކޮޅު ފަރާތްތައް ހަމަ ސީދާ ބްލެކްމެއިލު ކުރުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އެ ބިލު ގާނޫނަކަށްވުމުން ސަރުކާރުން އަމަލުކުރަން ގަސްތުކޮށްފައި އޮތް ގޮތް ވެސް އެންމެންނަށް ވަރަށް ސާފުކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ، އެ ބިލު އައި ދަނޑިވަޅާއި ވަގުތަށް ވިސްނާއިރު ވެސް ސާފުވަނީ އެ ބިލަކީ ބްލެކްމެއިލްގެ ބިލެއްކަން ކަމަށެވެ.

"މި ބިލު ހުށަހެޅިގެން މިދަނީ ދާދި ފަހުން ރައީސް [މުހައްމަދު މުއިއްޒުގެ] އެޑްވައިޒަރަކަށް ހުންނެވި ބޭފުޅަކު އިސްތިއުފާ ދެއްވައި ރާއްޖޭގައި ދުވަހަކު ވެސް އިންވެސްޓު ވެސް ނުކުރާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި،" މީކާއިލް ވިދާޅުވި އެވެ.

"މިކަން ހިނގައިދިޔައީ އޭގެ ހަމަ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ތިބިއްޔާ ތިބިހާ ބޮޑެތި ވިޔަފާރިވެރިން އެއް ޖަލްސާއަަކަށް އެއްކުރައްވައި ރާއްޖޭގެ އެންމެ މަތީ ވެރިޔާ [ރައީސް މުހައްމަދު މުއިއްޒު] މި ވިދާޅުވަނީ ތިބޭފުޅުން މަނީލޯންޑާ ކުރައްވައޭ. އިއްޒަތްތެރި ރައީސް، އޭގެ މަހެއްހާ ދުވަސް ފަހުން މިއަންނަނީ މި ބިލު ރައްޔިތުންގެ މަޖިލީހަށް. މިއީ ބްލެކްމެއިލް ބިލެއް."

މީކާއިލް ވިދާޅުވި ގޮތުން:

މި ބިލު ގާނޫނަކަށް ހެދިޔަސް، މި ބިލު ފަރުމާކުރަންދާ ހަރަދު ވެސް މި ބިލުން ނުހޯދޭނެ؛ އެއީ ސަރުކާރުގެ އެ ނިޔަތް ނެތީމާ

މި ބިލު ގެނެސްގެން އުޅެނީ ރަސްމާލޭގެ މަޝްރޫއުގެ ވާހަކަ އޮއްބާލައި އެ ވާހަކަ ދައްކާ އެންމެން ފިއްތާލަން

ޑޮލަރުގެ މައްސަލައާ ހެދި ވެސް ސަރުކާރުން ކުރިމަކީ އެ ވާހަކަދައްކާ އެންމެ ފިއްތާލައި ވިޔަފާރިވެރިން ބްލެކްމެެއިލްކޮށް އިންޒާރުދިނުމުގެ މަސައްކަތް

އޭގެ ނަތީޖާއަކީ އިންވެސްޓަރުން އެ ވިދާޅުވަނީ ދެން މިތާކު އިންވެސްޓެއް ނުކުރާނަމޭ؛ އެ ވާހަކަ ކީއްވެތޯ ނުދައްކަވަނީ

މިއީ އެކަމާ ގުޅިގެން ދިވެހި ވިޔަފާރިވެރިން ބްލެކްމެއިލް ކުރަން އަންނަ ބިލެއް

މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަަަކަށް ނާދޭ؛ ހުކުމް ނުކޮށް މީހުންގެ މުދާ ނަގާނެއޭ ބުނާއިރު، މިއީ އަސާސީ ހައްގުތަކާ ވެސް ހިލާފު ބިލެއް

މިތަނަށް އަންނަ ކޮންމެ ބިލަކަށް ތާއީދުކޮށް ފާސްކުރަން ވޯޓުދިނުމުގެ ކުރިން ނޭފަތު ކުރިއަށް މެމްބަރުން ވިސްނަންޖެހޭ

"ނަމަވެސް އަޅުގަނޑުމެންނަށް މިހާރު މި ފާހަގަވަނީ މި ބިލުން ހާސިލުކުރަން މިއުޅޭ މަގުސަދަކީ ދިވެހި ވިޔަފާރިވެރިން ބްލެކްމެއިލް ކުރުން. ހުރިހާ ކަމެއް ސަރުކާރުން އަމާޒު ހިފާފައި މިއޮތީ 2028ގެ ރިޔާސީ އިންތިހާބު ބައި ހޫކް އޯ ކްރޫކް ކާމިޔާބުކުރަން. އިއްޒަތްތެރި ރައީސް، ނުކުރެވޭނެ. މީހުންނަށް ބިރުދައްކައިގެން، މީހުން ފިއްތައިގެން، ވިޔަފާރިވެރިން އޮބިއަޅައިގެން އިންތިހާބެއް އަދި ކާމިޔާބެެއް ނުކުރެވޭނެ،" މީކާއިލް ވިދާޅުވި އެވެ.

ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ދިވެހި ދައުލަތް ފުޑާނުލަން މީކާއިލް ސަރުކާރަށް ގޮވާލެއްވި އެވެ.

މަޢުލޫމާތު: ދައުރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.