ކުޑަކުދިންގެ ހޮސްޕިޓަލަކަށް ސިއްހީ އިކުއިޕްމަންޓް ގަތުމަށް ހޯދި ފައިސާއަށް، އޭނާއާ ގުޅުން އޮންނަ ޖަމިއްޔާއަކުން ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއްގައި ސްްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ މިއަދު ހައްޔަރުކޮށްފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުން، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން، އުމުރުން 73 އަހަރުގެ ޝިރާންތީ ހައްޔަރުކުރީ ކޮލަމްބޯގައި ހުންނަ އެ ދެމަފިރިން ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށެވެ. އޭނާއާ ސުވާލުކުރަމުން ދަނީ 'ސިރިލިޔާ ސަވިޔާ' ހައިރާތު ފަންޑުން އެއްކުރި 10 މިލިއަން ލަންކާ ރުޕީސް (30,300 ޑޮލަރު)އާ ގުޅޭ ގޮތުންނެވެ.
މި ފައިސާއަކީ ކޮލަމްބޯގެ ލޭޑީ ރިޖްވޭ ކުޑަކުދިންގެ ހޮސްޕިޓަލަށް ހާއްސަ ސްކޭނަރެއް ގަތުމަށް ހޯދި ފައިސާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، ޗައިނާ ސަރުކާރުގެ އެހީގެ ދަށުން އެފަދަ އިކުއިޕްމަންޓެއް އެ ހޮސްޕިޓަލަށް އޭރު ވެސް ވަނީ ލިބިފަ އެވެ.
ޝިރާންތީ ރާޖަޕަކްސަ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. މަހިންދަ ރާޖަޕަކްސަގެ ތަރުޖަމާނު މަނޯޖް ގަމަގޭ ވިދާޅުވި ގޮތުގައި، އެ ފައިސާ އަދިވެސް ހުރީ އެ ޖަމިއްޔާގެ އެކައުންޓުގަ އެވެ. އަދި އެއްވެސް އޮޅުވާލުމެއް އޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިންގަޕޫރުގައި ބޭސްފަރުވާ ކުރެއްވުމަށް ފަހު ކުރީގެ ފަސްޓް ލޭޑީ އެނބުރި ލަންކާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ ހައްޔަރުކުރުން ހުއްޓުވުމަށް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި ނަމަވެސް، އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މި މަހުގެ 12 ވަނަ ދުވަހަށެވެ.
މަހިންދަ ރާޖަޕަކްސަ 2005 އިން 2015އަށް ލަންކާގެ ރައީސްކަން ކުރެއްވިއިރު، 30 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، 2009 ވަނަ އަހަރު ތަމަޅަ ޓައިގަރުން ބަލިކުރީ އޭނާގެ ސަރުކާރުންނެވެ.
ރާޖަޕަކްސަ އާއިލާގެ ސިޔާސީ ނުފޫޒު ކުޑަވެގެންދިޔައީ 2022 ވަނަ އަހަރު ލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއާ ގުޅިގެންނެވެ. އޭރު ތެލާއި ކާބޯތަކެއްޗާއި ބޭހުގެ ދަތިކަމާ ހެދި ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން، މަހިންދަގެ ކޮއްކޯފުޅު އަދި އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން ވަކިވެވަޑައިގަންނަވަން ޖެހުނެވެ.
ލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަގެ ސަރުކާރުން މިހާރު ވަނީ ރާޖަޕަކްސަ އާއިލާގެ މެންބަރުންގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އަލުން ބަލަން ފަށާފަ އެވެ.
ކުރީގެ ރައީސްގެ ދެމަފިރިންގެ ދޮށީ ދަރިކަލުން ނާމަލް ރާޖަޕަކްސަ ވެސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތަކާ ގުޅިގެން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ހުންނެވީ ބަންދުގަ އެވެ. މީގެ އިތުރުން، އަނެއް ދަރިކަލުން ޔޯޝީތާ ރާޖަޕަކްސަ ވެސް ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެ އެވެ.
މަޢުލޫމާތު: ދައުރު










ކޮމެންޓް