މެންޗެސްޓަރ ސިޓީގެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ އެނބުރި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްއަށް ދާން ތައްޔާރުވެއްޖެއެވެ. ސިޓީގެ ކޯޗުކަން ދޫކޮށްލި ފަހުން ފުރަތަމަ ފަހަރަށް ސިޓީގެ ހޯމް މެޗެއް ބެލުމަށް, އިއްތިހާދު ސްޓޭޑިއަމް އަށް ގާޑިއޯލާ ދާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
މިމަހުގެ 14 ވަނަ ދުވަހު ސިޓީ އަމިއްލަ ދަނޑުގައި ނިކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ. އެއީ ޗެމްޕިއަންސް ލީގުގައެވެ. މިއީ ޕްރިމިއަރ ލީގުން ސިޓީއަށް ކުރާ ބޮޑަތި ތުހުމަތުތަކަށް ފަހު އަމިއްލަ ދަނޑަށް ނިކުންނަ ފުރަތަމަ ފަހަރެވެ. ސްޕޮންސަރޝިޕް ފައިސާއާއި އެނޫންވެސް މާލީ މުއާމަލާތްތަކުގައި އުސޫލުން ބޭރުން އަމަލުކޮށް, އޮޅުވާލާފައިވާ ކަމަށް ބުނާ 114 މައްސަލައެއް ސިޓީގެ މައްޗަށް ސާބިތުވާ ކަމަށް ޕްރިމިއަރ ލީގުން ވަނީ ކަނޑައަޅާފައެވެ. މައްސަލަތައް ބެލި ކޮމިޝަންގެ އެނިންމުން ސިޓީން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ. އެހުރިހާ ތުހުމަތުތަކަކަށް ސިޓީން އިންކާރު ކުރެއެވެ.
އެތުހުމަތުތަކާއެކު މިދިޔަ ސީޒަނަށްފަހު ކްލަބް ދޫކޮށްލި ޕެޕް ގާޑިއޯލާ ވަނީ ކްލަބަށް ފުރިހަމައަށް އިތުބާރު އޮތްކަން ހާމަކޮށްފައެވެ. އެތުހުމަތުތައް ރައްދުވާ މުއްދަތުގެ ބޮޑުބައިގަ ކޯޗަކަށް ހުރި ގާޑިއޯލާ ބުނީ އޭނާ ހުރީ މެންޗެސްޓަރ ސިޓީއާ އެކުކަމަށެވެ. ސިޓީގެ އޯނަރާއި, ބޯޑާއި, ކޯޗާއި, ސަޕޯޓަރުންނާއެކު ކުރިއަށްވުރެވެސް ބޮޑަށް ހުރިކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. އަދި ސިޓީއަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަންނާނީ އެންމެން އެކުގައި ކަމަށް ދިހަ އަހަރު ސިޓީއަށް އިރުޝާދުދީ ބޮޑަތި ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ބުންޏެވެ. ގާޑިއޯލާ ވަނީ ސިޓީއަށް ޕްރިމިއަރ ލީގު ހަ ފަހަރު, ޗެމްޕިއަންސް ލީގު އެއް ފަހަރު, އެއްއޭކަޕް ތިން ފަހަރު އަދި ލީގު ކަޕް ފަސް ފަހަރު ހޯދައިދީފައެވެ.
ތުހުމަތުތަކަށްފަހު ސިޓީން އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗު ބަލަން ގާޑިއޯލާ ދިއުމަކީ އޭނާގެ އެވާހަކަތަކަށް ބާރުދީ, އެކަން ހާމަކޮށްދޭން ދާ ދިއުމެއް ކަމަށް ބައެއް ރިޕޯރޓްތައް ބުނެއެވެ. އިންޓަރނޭޝަނަލް ބްރޭކަށްފަހު ސިޓީގެ ފުރަތަމަ މެޗުގައި އާދިއްތަ ނިކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. ޕްރިމިއަރ ލީގުގެ އެމެޗު ކުޅޭނީ ލިވަޕޫލްގެ ދަނޑުގައެވެ. މެންޗެސްޓަރ ސިޓީ އޮތީ ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނައިގައެވެ.
މަޢުލޫމާތު: ޕީއެސްއެމް ނިއުސް









ކޮމެންޓް