މިދިޔަ ހަފުތާ ތެރޭގައި ގިނަ ބައެއްގެ ސަމާލުކަން ހޯދީ، ށ. ފީވަކު ކައުންސިލްގެ ހަރަދުގައި ރަށުގައި ހުޅުވި ފުރިހަމަ ގެސްޓްހައުސްއަށެވެ. ކައުންސިލްގެ ބަޖެޓުން، ރައްޔިތުންނަށް ފައިދާ ލިބޭ ގޮތަށް އެޅި އެ ގެސްޓްހައުސްވީ ގިނަ ބަޔަކަށް ނަމޫނާއަކަށެވެ.
އެހެންވެ، ސޯޝަލް މީޑިއާގައި އެ އިމާރާތުގެ ފޮޓޯތައް ވައިރަލްކޮށްލީ، ކޮންމެ މީހަކު ވެސް އެ މީހަކު ނިސްބަތްވާ ކައުންސިލް ޓެގުކޮށް، އެއިން ފިލާވަޅެއް ދަސްކުރުމަށް އެދި އެވެ.
އަނެއްކާވެސް ފީވަކު ކައުންސިލުން މިވަނީ ކުރިއަށް ފިޔަވަޅެއް އަޅާފަ އެވެ. މި ފަހަރު ދައްކާލީ، މިދިޔަ އަހަރު ހުޅުވި ކައުންސިލްގެ ރެސްޓޯރަންޓެވެ.
ފީވަކު ކައުންސިލްގެ މިދިޔަ ދައުރުން ރަށުގެ ބަނދަރުމަތީގައި މި ރެސްޓޯރަންޓް އަޅާފައިވަނީ ފެރީ ޓާމިނަލްއަކާ އެކު އެވެ. ދެ ބުރިއަށް މިތަން ހަދާފައި ހުންނައިރު، ފެރީ ޓާމިނަލްއާ އެކު ރެސްޓޯރަންޓުގެ ބޮޑު ބައެއް ހުންނަނީ އޭސީކޮށްފަ އެވެ. ޓެރަސް ހުންނަނީ ކުޑަޖަހައި ހިދުމަތް ލިބޭ ގޮތަށް ހަދާފަ އެވެ.
ޓީޖެޓީގައި އެތަން އިމާރާތްކޮށްފައި ހުރުމުން، ހުރިހާ ފަރާތަކުން ވެސް މޫދާއި ކަނޑުގެ މަންޒަރުތައް އެތަނަށް ފެނެ އެވެ. އިރުއޮއްސޭ ވަގުތު އެތަން އެހާ ޗާލެވެ.
ކައުންސިލްގެ ބަޖެޓުން 3.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އެޅި މިތަނުން، އެއް ފަހަރާ 120 މީހުންނަށް ހިދުމަތް ދެވެ އެވެ.
ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވި ގޮތުގައި، ގެސްޓްހައުސް އާއި ރެސްޓޯރަންޓް ކައުންސިލުން ހުޅުވީ، މިދިޔަ ފަސް އަހަރު އެތަނުން ކުރި 'ބޭކާރު ހަރަދު'ތައް ކަނޑާލައިގެންނެވެ. އެގޮތުން، ދަތުރުތައް ދިޔުމާއި މުބާރާތްތައް ބޭއްވުމާއި ކައުންސިލްގެ ހަރަދުގައި އީދު ފާހަގަކޮށެއް ނުހަދަ އެވެ. ކައުންސިލްގެ އިމާރާތުގެ އިތުރުން އެތަނުން ބަލަހައްޓާ ރަށުގެ ދެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް، އެތަންތަނުގެ ކަރަންޓު ބިލަށް އަހަރަކު އަރާ، 1.1 މިލިޔަން ރުފިޔާ ސަލާމަތް ކުރި އެވެ.
އެހެންވެ، ސަރުކާރުން އެ ރަށު ކައުންސިލަށް ދެމުން ދިޔަ ބަޖެޓުން ރިކަރަންޓު ހަރަދު ފިޔަވައި، ފައިސާ މުޅިން ވެސް ބޭނުން ކުރީ، އެތަނުން ބުނިގޮތުގައި އިންވެސްޓުކުރުމަށެވެ.
"ސަރުކާރުން ދޭ އެއްޗެއް ފިޔަވައި، ކައުންސިލަށް ފައިސާ ވަންނާނެ އެހެން ގޮތެއް ނެތް. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ ފައިސާ ލިބޭނެ ގޮތް ހަދަން. ބޭކާރު ހަރަދުތައް އުނިކޮށްލައިގެން، އެ ފައިސާއިން އަޅުގަނޑުމެން ގެސްޓްހައުސް އާއި ރެސްޓޯރަންޓް ހުޅުވީ،" އަލީ ރަޝީދު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް ދެ ތަނުން މަހަކު 35،000ރ. ވަރު އެބަލިބޭ."
އޭނާ ވިދާޅުވީ ބޮޑު ފައިދާއެއް އެތަންތަނުން ލިބުމަށް ވުރެ، ރައްޔިތުންނަށް ދޭ ހިދުމަތްތައް ފުޅާކުރުން މާ މުހިއްމު ކަމަށެވެ. އެ ދެ އިމާރާތުގެ ސަބަބުން ރަށަށް އަރާ މެހެމާނުން ގިިނަވެ، އޭގެ ސަބަބުން ވެސް ރަށުގެ ވަކިވަކި ފަރުދުންނަށް ފައިދާވާ ކަމަށް ވިދާޅުވި އެވެ.
"މި ރަށުގައި ކުރިން މި ކަހަލަ ރެސްޓޯރަންޓެއް ނެތް. މިހާރު ރަށުގެ ރައްޔިތުންނަށް ވެސް އަދި ރަށަށް އަރާ މީހުންނަށް ވެސް ފުރިހަމަ ރެސްޓޯރަންޓެއްގެ ހިދުމަތް ލިބޭނެ. ކައިވެނި ޕާޓީތައް އެތަނުގައި ބޭއްވޭނެ،" އަލީ ރަޝީދު ވިދާޅުވި އެވެ.
"މިއީ ރަށުގެ ތަރައްގީއަށް އަޅުގަނޑުމެން ކުރި ކަމެއް."
މަޢުލޫމާތު: ދައުރު










ކޮމެންޓް