ތިން މަސް ވާންދެން މަގުމަތިން ފޮށުނުކަމަށް ބުނާ ބިދޭސީ ފިރިހެނަކާ ކުރިމަތިލައި ޒުވާން އަންހެނަކު ހިތްވަރު ދައްކާލައިފި އެވެ.
ވީ ކިހިނެއް؟ - އެ އަންހެން މީހާ ވަނީ އޭނާއަށް ފޮށޭ ކަމަށް ބުނާ ފިރިހެން މީހާއާ ކުރިމަތިލާތަން ފެންނަ މަންޒަރު ވީޑިއޯކޮށްފަ އެވެ. އެ ވީޑިއޯއިން، ފިރިހެން މީހާއާ ކުރިމަތިލާ ތަނާއި މައްސަލަ ފުލުހަށް ރިޕޯޓުކުރާތަން ވެސް ފެނެ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި މެދުއުމުރުގެ ފިރިހެން މީހާ ފަހަތުން އަންހެން މީހާ ގޮސް އޭނާއާ ފޮށޭ ސަބަބާ ގުޅޭގޮތުން ވަރަށް ރުޅި އައިސްގެން ސުވާލުކުރެ އެވެ. އޭރު ދެ މީހުން ވެސް ތިބެނީ ބްރިޖުމަތީގައި ހިނގުމަށް ހާއްސަކޮށްފައި އޮންނަ ތަނުގަ އެވެ.
އަންހެން މީހާ، އޭނާއާ ފޮށޭ ކަމަށް ބުނާ މީހާ ވީޑިއޯކޮށް ސުވާލުކުރަން ހެދުމުން އޭނާ މާފަށް އެދެ އެވެ. އެކަމަކު ފުލުހުންނަށް ގުޅައިފި ކަމަށާއި އޭނާގެ މައްސަލަ ރިޕޯޓުކުރާނެ ކަމަށް ބުނުމުން، އެ މީހާ ދުވެފައި އެތަނުން ދެ އެވެ.
އެ ވީޑިއޯގައި އަންހެން މީހާ ބުނިގޮތުގައި ވޭތުވެ ދިޔަ ތިން މަސްވާންދެން އެ ފިރިހެން މީހާގެ އަމަލުތައް ހުރީ އެހެންނެވެ. ކޮންމެ ދުވަހަކު ވެސް އޭނާ ކަސްރަތަށް ހިނގަން ނުކުތުމުން ފަހަތު އަޅުވާލަ އެވެ. ބްރިޖުން ފައިބައި، މަގުމައްޗަށް ނުކުތުމުން ވެސް ފަހަތުން ދާ ކަމަށާއި ވާހަކަ ދައްކަން މަސައްކަތް ކުރާ ކަމަށް ބުންޏެވެ.
އަންހެން މީހާގެ ވީޑިއޯއިން ދޭހަވަނީ އެ ވަގުތު ފިރިހެން މީހާ ވެސް ނުކުމެ އުޅެނީ ކަސްރަތަށް ހިނގަން ނޫނީ ދުވަންހެންނެވެ.
"އޭނާއަށް އަހަރެން ހިނގަން އަންނަ ވަގުތު އެނގޭ. ސައިކަލު ޕާކުކުރަނީ ކޮންތަނެއްގައިކަން އެނގޭ. ނިމޭ ވަގުތު އެނގޭ. ނިމެން ދެން މަޑުކޮށްގެން ހުރޭ،" ވީޑިއޯގައި އަންހެން މީހާ ބުނެ އެވެ.
އޭނާ ބުނީ ބައެއް ދުވަސްދުވަހު އެ މީހާ ފެނުމުން، ހިނގުން ފުރިހަމަ ނުކޮށް ބިރުން ގެއަށް ދާ ކަމަށެވެ. އެކަމަކު އެކަން ނުހުއްޓި ބޮޑުވަރުވުމުން އޭނާ ބޭނުންވީ އެކަމާ ކުރިމަތިލާން ކަމަށް ބުންޏެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެން މީހާއާ ކުރިމަތިލުމަށް ފަހު އޭނާ ދެން ވަންނަނީ، ހެންވޭރު ޕޮލިސް ސްޓޭޝަނަށް އެކަން ރިޕޯޓުކުރާށެވެ.
ތިން މަސްވާންދެން މަގުމަތިން މީހަކު ފުރައްސާރަކުރާ ކަމަށް ބުނެ މީހަކު މިއަދު ރިޕޯޓުކޮށްފައިވާކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ޒުވާން އަންހެން މީހާގެ މި ވީޑިއޯ ވައިރަލްވުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ ހިތްވަރަށް ތައުރީފް ކުރަމުންނެވެ. މަގުމަތިން ފޮށި އެގޮތަށް ދިމާކުރާ ނަމަ، އެކަމާ ދެކޮޅަށް ތެދުވާން ޖެހޭނެ ކަމަށާއި އެ ފަދަ މައްސަލަތައް ހުއްޓުވޭނީ އެކަން ރިޕޯޓުކޮށްގެން ކަމަށް ވެސް ވީޑިއޯއަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެ އެވެ.
މަޢުލޫމާތު: ދައުރު









ކޮމެންޓް